ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ޖަގަހަ ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ހުޅުމާލޭގައެވެ.
މި ޙަފްލާގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙްގެ އިތުރުން ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ކޮންގްރެސް ޕާޓީގެ ފަރާތުންނެވެ. އެ ޕާޓީން މިހާރު ދަނީ މުޅި ރާއްޖޭގައި، އަދި ވަކިން ޚާއްސަކޮށް ވެރިރަށް މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު، ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ކޮންމެ ރެއަކުހެން މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވުމުގެ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން އެ ޕާޓީން ފާހަގަކުރެއެވެ.

