ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ދޫކުރާ "ދަނޑުވެރި ނަފާ" ލޯނުގެ ދަށުން މިހާތަނަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މި ޕްރޮގްރާމް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 54 ފަރާތަކަށް 20,301,517 (ވިހި މިލިއަން ތިން ލައްކަ އެއް ހާސް ފަސްސަތޭކަ ސަތާރަ) ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ލޯނު ލިބުނު ފަރާތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، "މި ޕްރޮގްރާމް ފެށުނީންސުރެއް މިހާތަނަށް ޖުމްލަ 54 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. މީގެތެރޭގައި 5 ކުންފުނި، 44 ފިރިހެން އަދި 05 އަންހެން ބޭފުޅުން ހިމެނޭ." ކަމަށެވެ.
ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމަކީ ބިމުގައި ކުރާ އާދައިގެ ދަނޑުވެރިކަމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ މަސައްކަތްތަކަށް ހާއްސަ އިސްކަމެއްދޭ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި އަރބަން އެގްރިކަލްޗަރ، ގްރީންހައުސް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ދަނޑުވެރިކަން އަދި ހައިޑްރޮޕޮނިކްސް ފަދަ ވަސީލަތްތައް ހިމެނެއެވެ.
މީގެ އިތުރުން ދަނޑުތަކުގައި ފެންދޭ ނިޒާމް ގާއިމުކުރުމާއި، ޕޯލްޓްރީ އަދި ދަނޑުވެރިކަމުގައި ގެންގުޅޭ ކުދި ޖަނަވާރު ގެންގުޅުމުގެ މަސައްކަތްތަކަށާއި، ގަހުގެ ނާސަރީތައް ހެދުމާއި ވެލިއު އެޑިޝަން ނުވަތަ އުފެއްދުންތަކުގެ އަގު އެއްކުރުމުގެ މަސައްކަތްތަކަށްވެސް މި ލޯނުގެ އެހީތެރިކަން ލިބޭނެއެވެ.
މި ލޯނު ދޫކުރުމަށް ދެ ކެޓެގްރީއެއް ވަނީ ކަނޑައަޅާފައެވެ. އެއީ އެއްލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ލޯނާއި، އެއްލައްކަ އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. ދެ ކެޓެގްރީގައިވެސް އިންޓަރެސްޓް ރޭޓަކީ އަހަރަކު ހައެއް އިންސައްތައެވެ. އެއްލައްކަ ރުފިޔާގެ ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭއިރު، ދެ މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް ހަތް އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.

