ކުރިއަށް އޮތް ފިޠުރު އީދު ފާހަގަަކުރުމުގެ ގޮތުން ތިން ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދުގައި ފޯރިގަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
ގައުމީ ދިފާއީ ބާރުން އިސްނަގައިގެން އިންތިޒާމުކުރާ މި ހަރަކާތްތައް “އީދު ހަވީރު” ގެ ނަމުގައި ކުރިއަށްގެންދާއިރު، މައިގަނޑު އަމާޒަކީ އާއިލާތަކާއި ކުޑަކުދިންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމެވެ. މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހަވީރު 16:00 ގައެވެ.
މި ހަރަކާތްތައް މާލެ ސަރަހައްދުގެ ތިން ރަށެއްގައި ކުރިއަށްދާނެއެވެ. އެގޮތުން މާލޭގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު ކުރިމަތީ އޮންނަ ހުސް ސަރަހައްދާއި، ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްމީ ބޮޑު ފާލަން ސަރަހައްދުގައެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ހިޔާ ޕާކު ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާއިރު، ވިލިމާލޭގައި މި ހަރަކާތް އޮންނާނީ އެ ރަށު ފުޓުބޯޅަ ދަނޑުގައެވެ.
މި ހަރަކާތުގައި ދައުލަތުގެ 10 ކުންފުންޏަކުން ބައިވެރިވެ، ތަފާތު އެކި ސްޓޯލުތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ. މި ކުންފުނިތަކުން އީދު ހަވީރު ކުރިއަށްދާ ސަރަހައްދުތަކުގައި ހާއްސަ ސްޓޯލުތަކެއް ހިންގާނެއެވެ.
ކުންފުނިތަކުގެ ސްޓޯލުތަކުގެ އިތުރުން، ސިފައިންނާއި ފުލުހުންގެ ހާއްސަ ހަރަކާތްތަކެއްވެސް މި ފުރުސަތުގައި ފެނިގެންދާނެއެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ ޔުނީފޯމުތަކާއި، ހަތިޔާރާއި، އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދައްކައިލުމުގެ އިތުރުން އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވޭނެއެވެ.
އީދު ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ސަލްޓަން ޕާކުގެ މަރާމާތާއި އާބާތުރަފިލުވުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އަމާޒަކީ އީދު ދުވަހުގެ ހަރަކާތްތައް ފެށުމުގެ ކުރިން ޕާކުގެ މަސައްކަތްތައް ނިންމައި، އާންމުންނަށް ހުޅުވާލުމެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުލަގަދަ އަދި އުފާވެރި އީދެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

