މާލޭގެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 14 މާރިޗްވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެންނެވެ.
އެމްޕީއެލްއިން ވިދާޅުވީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންމެ ކިޔުއެއްގައިވެސް ނޯޓު ކުރެވޭނެ ކަމަށެވެ. ކިޔު ތަރުތީބުން ޖާގަ ދިނުމަށް ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން “ހޯލްޑް” ކުރެވޭނެއެވެ.
މިގޮތަށް “ހޯލްޑް” ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ، އެ އުޅަނދެއް ގްރޭޓަރ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. މިގޮތަށް ގުޅައި “އަންހޯލްޑް” ކުރުމަކީ އުޅަނދުގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް ޖާގަ ދިނުމަށް ގުޅާނީ އަންހޯލްޑް ކުރިތާ 2 ގަޑިއިރު ފަހުންނެވެ.
އައު އުސޫލުގެ ދަށުން، އޭ-ޒޯން އަދި ސީ-ޒޯންގައި ޖާގަ ފަސްކޮށްދެވޭނީ ގިނަވެގެން 3 ފަހަރުއެވެ. 4 ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެއެވެ. އަދި ހޯލްޑް ކުރުމަށްފަހު އަންހޯލްޑް ނުކޮށް ގިނަވެގެން ބޭއްވޭނީ 5 ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެއެވެ. އޭ-ޒޯން އަކީ ބޮޑުތަކުރުފާނުމަގު ފަޅިއާ ދިމާލު ތޮއްޓެވެ.
އެކްސްޕްރެސް ކިޔުގެ އުސޫލަށް ބަލާއިރު، މި ކިޔުގައި ފަސްކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 ގަޑިއިރުގެ ވަގުތެކެވެ. އެ ވަގުތަށް ކީވޯލް ޗާޖް ނަގާނެ ކަމަށާއި، މި މުއްދަތުގައި ކައިރި ނުކުރެވިއްޖެނަމަ ކިޔުއިން ކެންސަލްވާނެ ކަމަށްވެސް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
އެމްޕީއެލްއިން އިތުރަށް ވިދާޅުވީ، މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ އަމިއްލަ ޒިންމާއެއް ކަމަށެވެ. މި ބަދަލުތަކަކީ ހާބަރުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އުޅަނދުފަހަރަށް ހަމަހަމަކަމާއެކު ޖާގަ ފޯރުކޮށްދިނުމަށް ގެނައި ބަދަލުތަކެކެވެ.

