ރަސްމީ ރިޒާވަށް އައި މި ހެޔޮ ބަދަލާއެކު، ދައުލަތުން ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަ “ޔޫސަބަލް ރިޒާވް” ނުވަތަ ބޭނުންކުރެވޭ ރިޒާވަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި ފެބުރުވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 337 މިލިޔަން ޑޮލަރު ހުއްޓެވެ. މިއީ ޖަނަވަރީ މަހު ހުރި 301.4 މިލިޔަން ޑޮލަރާ އަޅާބަލާއިރު 11.8 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. މިދިޔަ އަހަރު އަމަލުކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ ރިޒާވް މަތިވުމަށް ލިބުނު ބޮޑު ބާރެކެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށި ފަހުން މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މަރުކަޒީ ބޭންކަށް 492 މިލިޔަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް ބޮޑު މަގުފަހިކަމެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭނުންކުރެވޭ ރިޒާވް ގުނަނީ، ރަސްމީ ރިޒާވާއި އިންވެސްޓްމަންޓްތަކުގެ ގޮތުގައި ހުރި ފައިސާއިން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް ކެނޑުމަށްފަހުއެވެ. މި ރިޒާވަށް އަންނަ ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަރުދަނާވަމުންދާކަމުގެ ނިޝާނެއް ކަމަށް މާލީ މާހިރުން ފާހަގަކުރެއެވެ.

