ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަތް މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި މައްސަލާގައި ބައިވެރިވި މީހުންގެ މައްޗަށް އެކި ދައުވާތައް އުފުލާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ
- ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު އާއި
- ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް އާއި
- ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު އާއި
- ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު އާއި
- ލ. މާވައް، ރޭޝަމް، މާޒިން މޫސާ އާއި
- މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް އާއި
- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްގެ އިތުރުން
- ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންގެ މައްޗަށެވެ.
މީގެ ތެރެއިން އަޙްމަދު މާޙިދުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ދައުވާގެ އިތުރުން، މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. ޢަލީ އަފްޒަލް އާއި ޢަބްދުލްއައްވަލްގެ މައްޗަށް ފޭރުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލާފައިވާއިރު، ބާކީ ތިބި ފަސް މީހުންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޯބަރު 2025 ދުވަހުގެ ފަތިހު 4:15 އެހާކަންހާއިރުއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއާޕޯޓުގެ އައު ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، ވަޅިން ބިރުދެއްކުމަށްފަހު އެމީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ވަނީ ފޭރިގަނެފައެވެ. މި ސޫޓްކޭސްގައި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ.
ފޭރިގަތް ފައިސާގެ ތެރޭގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯ އާއި، 1,735 ޕައުންޑާއި، 334,000 ޖަޕަނީސް ޔެންގެ އިތުރުން ދިވެހި ރުފިޔާ އާއި އެހެނިހެން ބޭރު ފައިސާތައް ހިމެނެއެވެ. މި ފައިސާތަކަކީ އެއާޕޯޓުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ފައިސާތަކެކެވެ.
މި މައްސަލާގައި ދައުވާ އުފުލުމުގެ އިތުރުން، މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ވެސް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ.

