ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލެޓް ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފްލެޓް ލިބޭގޮތަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ. ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، މި ކެޓަގަރީއަށް ހާއްސަކޮށް 100 ފުލެޓު ވަނީ ކަނޑައަޅާފައެވެ.
މި އިސްލާހުގެ ދަށުން، މާލޭގައި ދިރިއުޅޭ މުއްދަތާ ގުޅޭގޮތުން ކުރިން އޮތް ހަރުކަށި ޝަރުތުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ މުއްދަތު 1 އަހަރަށް ވަނީ ކުޑަކޮށްފައެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ކުރިން އޮތް 15 އަހަރުގެ ޝަރުޠުގެ ބަދަލުގައި، މިހާރު ފުރުސަތު ލިބޭނީ މާލޭގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަމުގެ ސަބަބުން ރަށުން ފަރުވާ ލިބެން ނެތިގެން މާލެއަށް ބަދަލުވެ، ވޭތުވެދިޔަ 1 އަހަރު މާލެއިން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ވެސް މިހާރު މި ކެޓަގަރީއަށް ކުރިމަތިލެވޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފަރާތްތަކަށެވެ.
މި ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހު 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން، އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހަޅަންޖެހޭނީ “ގެދޮރުވެރިޔާ ޕޯޓަލް” މެދުވެރިކޮށެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގެނައި މި ބަދަލަކީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ވުޒާރާގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އަށް ގުޅުއްވުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

