އައްޑޫ ސިޓީގެ އިގްތިސާދު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޕްލޭންތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނޭޝަނަލް ވޮލެޓް “ސްވައިޕް” މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީއަށް “ސްވައިޕް” ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އައްޑޫގެ އިގްތިސާދު ބަދަލުކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ޕްލޭންތަކަށް ކޮންމެހެންވެސް ބޭނުންވާ އެއް ކަމަކީ ކޮންޓެކްޓްލެސް އަދި ކޭޝްލެސް ޕޭމަންޓްތަކުގެ ނިޒާމެއް އައުން ކަމަށެވެ. އަދި އައްޑޫއަށް މިހާރު ތައާރަފް ކުރެވިގެން ދަނީ އެ ނިޒާމުކަން އޭނާ ފާހަގަކުރެއްވި އެވެ.
“ރާއްޖެ ޑިޖިޓަލް މޯލްޑިވްސް ވިޝަންއެއްގެ ދަށުން ރާއްޖެ ބައްޓަން ކުރައްވަމުން ގެންދަވާއިރުގައި ވަރަށް މުހިންމު ކަމެއް އެއީ ދިވެހިންގެ ހުރިހާ އެންމެން އިޤްތިޞާދުގެ ތެރޭގައި އިންކްލޫސިވްކޮށް ހިމެނިގެން ދިއުމަކީ. އެންމެންގެ އިންކްލޫޝަންއަށްޓަކައި މިފަދަ މާލީ ނިޒާމްތައް އައުމަކީ ވަރަށް މުހިންމު ކަމެއް،” ހޯމް މިނިސްޓަރު އަލީ އިހުސާން
މީގެ އިތުރުން، ފައިސާގެ ސަލާމަތާއި ޔަގީންކަން ކަށަވަރުވެފައި އޮންނަ ނިޒާމެއް އޮތުމަކީ އިގްތިސާދެއްގައި ފައިސާ ދައުރުވާ އިރު އާންމުން އެންމެ ބޮޑަށް ބަލާނެ ކަންތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މިފަދަ ނިޒާމަކުން ޕޭމަންޓް ހެދޭއިރު ރައްޔިތުންގެ އިތުބާރު އޮންނާނެ ކަމަށާއި، ވަގުތުން ވަގުތަށް ކޮންމެ ތަނެއްގައި ތިބެގެންވެސް ފައިސާ ފޮނުވޭނެ އިންތިޒާމަކީ ޑިޖިޓަލް މޯލްޑިވްސްއަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މި ޑިޖިޓަލް ވޮލެޓްގެ ސަބަބުން މިހާރު ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު އިހުސާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

