މި އަހަރުގެ މިހާތަނަށް ލޯނާއި އިންޓްރެސްޓްގެ ގޮތުގައި ދައުލަތުން އެއް ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ދައުލަތުގެ ދަރަނި އަދާކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ދައްކާފައިވާ ފައިސާއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ލޯނުތަކުގެ ރީޕޭމެންޓަށް ސަރުކާރުން 636 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މީގެ އިތުރުން، ފައިނޭންސިން ކޯސްޓް ނުވަތަ އިންޓްރެސްޓްގެ ގޮތުގައި 412 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
މިއަހަރުގެ ބަޖެޓުގައިވާ ގޮތުން ރާއްޖެއިން ޖުމްލަ 18 ބިލިއަން ރުފިޔާ ދަރަންޏާއި ފައިނޭންސިން ކޯސްޓަށް ދައްކަން ޖެހެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ އަންނަ މަހު ދައްކަންޖެހޭ ސުކޫކަށެވެ. ސުކޫކު ޕޭމެންޓަށް ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދައްކަންޖެހޭނެ ކަމަށް ހިސާބުތަކުން ދައްކައެވެ.
މި ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، “500 މިލިއަން ޑޮލަރުގެ ސްކޫކް އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ދެއްކުމަށް ސަރުކާރުން ވަނީ ނިންމާފައި” ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ އެ ސްކޫކް ދައްކަން ޖެހޭ ރަސްމީ ތާރީޚެވެ.
ދަރަނި އަދާކުރުމުގެ ގާބިލުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، އެ ފައިސާ ދެއްކުމަށްޓަކައި މިހާރު 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކޮށްފައިވާ ކަމަށެވެ. އެހެންކަމުން 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާފައި ބާކީ 150 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައުލަތުގެ ރިޒާވްގައި ހުންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

