ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހާމަކޮށްފިއެވެ. ޒަކާތު ހައުސްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަ ފޯ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ. ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހުއެވެ.
މި މަހުގެ 14 އަދި 15 ވަނަ ދުވަހު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ
- ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
އަދި 16 އަދި 18 ވަނަ ދުވަހު
- ހެނދުނު 10:00 އިން މެންދުރު 12:00 އަށް،
- މެންދުރުފަހު 13:00 އިން 15:00
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ބަލައިގަންނަ ތަކެތީގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހުދު ހަނޑޫ، ރަތް ހަނޑޫ، ބަސްމަތީގެ ތަފާތު ބާވަތްތަކުގެ ހަނޑޫ އަދި އާދައިގެ ފުށާއި އާޓާ ފުށް ހިމެނެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވީ ނަމަވެސް، ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ޒަކާތު ހައުސްއިން ވަނީ މި އިންތިޒާމް ހަމަޖައްސާފައެވެ. ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ އަޅުކަމެކެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

