ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެއާއި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ. މި ދަތުރުތައް ފަށާފައިވާކަން އެ ކުންފުނިން މިއަދު ހެނދުނު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މާލެއާއި ޑާކާއާ ދެމެދު ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ.
މި ދަތުރުތައް އަލުން ފެށުމާ ގުޅޭގޮތުން މޯލްޑިވިއަނުން ވިދާޅުވީ، މި ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވާތީ، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
މޯލްޑިވިއަނުން މީގެކުރިންވެސް ބަންގްލަދޭޝަށް ދަތުރުތައް ބޭއްވި ނަމަވެސް، އެ ދަތުރުތައް މެދުކަނޑާލީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އޭރު ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
“ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލާފައި،” ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން މި ނިންމުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރުންނެވެ. އަދި މި ދަތުރުތަކުގައި ބައިވެރިވާ ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

