މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ، ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ކޮމިޓީއަކީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިޤްތިޞާދީ އަދި އިޖުތިމާޢީ ލޮޅުންތަކަށް ދުރާލައި ތައްޔާރުވުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.
ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ މަސްރަޙު އޮތްގޮތުން ތެޔޮ ސަޕްލައި ކުރުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ފުރުޞަތު އޮތް ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ތެޔޮ ލިބޭނެ އިތުރު ވަސީލަތްތަކާއި މާކެޓްތައް ހޯދުމަށް ޚާރިޖީ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ހާލަތާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ އެހެނިހެން ދަތިތައް ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތައް ގުޅިގެން ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ މައިދާނުގައި ހިނގާ މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނޭރުވުން ކަމަށް ވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.

