މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލި، ރާއްޖެއަށް ތެޔޮ ގަތުމަށް ކުރަންޖެހޭ ހޭދަ އިތުރުވުމާ ގުޅިގެން އެކަން ހަމަޖެއްސުމަށް ބޭރުގެ ދެ އެޖެންސީއަކުން 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭގޮތުން ބޭރުގެ މާލީ ދެ އިދާރާއަކާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ރިޒާވްގެ ކަންކަން މަރުކަޒީ ބޭންކުގެ ގަވަރުނަރާއެކު ވަރަށް ގާތުން ބަލަހައްޓަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، “އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު، އިންޓަނޭޝަނަލް މަލްޓިލެޓްރަލް 2 އެޖެންސީއަކާއެކު މަސައްކަތްކޮށްގެން، އީއްޔެ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެއަންނަ ބައި ފައިނޭން ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް.”
މި ފެސިލިޓީ ހޯދުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި، ދިވެހި ސަރުކާރުން މިކަމުގައި ނަގަންޖެހޭ އެންމެ ފަހުގެ ހުއްދަ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ފައިސާއަކީ ތެލުގެ އަގުބޮޑުވުމުން ރިޒާވަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ހޯދާ ފައިސާއެކެވެ.
ހަނގުރާމަ ދެމިގެންދާ ހާލަތެއްގައި ދައުލަތުގެ އާމްދަނީއަށް ލިބޭނެ ގެއްލުންތައްވެސް ސަރުކާރުން ވަނީ ވަޒަންކޮށްފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެންދާނަމަ، ދައުލަތުގެ އާމްދަނީން 85 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. މި އަންދާޒާއަކީ ވޯލްޑް ބޭންކުންވެސް ބަލައިގަނެފައިވާ ސައްހަ އަދަދުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ބައެއް ވައިގެ ބަނދަރުތައް ބަންދުވުމުގެ ސަބަބުން، ފަތުރުވެރިކަމަށްވެސް އޭގެ އަސަރު ކުރަމުންދާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މިފަދަ ގެއްލުންތައް ކޮމްޕެންސޭޓް ކުރެވޭނެ ފައިނޭންސިންގ މެކޭނިޒަމްތައް ހޯދުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ.

