ޤައުމީ އެއާލައިން، މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް އަލުން ރަސްމީކޮށް ފަށައި، މިއަދު މާލެއަށް ކުރި ފުރަތަމަ ސީދާ ދަތުރަށް މަރުހަބާ ކިޔައިފިއެވެ.
މި ދަތުރުތައް އަލުން މި ފެށީ ދިވެހި ދަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން މި ދަތުރުތަކަށް އޮތް ބޮޑު ތަރުހީބަކާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައެވެ.
މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް މި ފްލައިޓް ޖެއްސުމުން، އެއާޕޯޓުގެ އެރައިވަލް އޭރިއާއިން ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ މަލުންނެވެ. މި ތާރީޚީ ދަތުރު ފާހަގަކުރުމުގެ ގޮތުން، ޗެކް-އިން ކުރި ފުރަތަމަ ފަސިންޖަރާއެކު ހަނދާނީ ފޮޓޯއެއް ނަގާފައިވާއިރު، ބޯޓު ތެރޭގައި ކޭކު ފަޅައި ކުޑަ ހަފުލާއެއްވެސް ވަނީ ބާއްވާފައެވެ.
މާލެ-ޑާކާ ދަތުރުތައް އަލުން މި ފެށީ ރަމަޟާން މަސް ނިމި، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެއްގައެވެ. މީގެ ސަބަބުން އީދު ބަންދަށް ރަށަށް ދާން ބޭނުންވާ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ ރައްޔިތުންނަށާއި އެހެނިހެން ފަސިންޖަރުންނަށް ދަތުރުފަތުރުގެ ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.
މި ދަތުރުތަކަކީ ހަމައެކަނި މި ދުވަސްވަރަށް އަމާޒުކޮށްގެން ކުރާ ދަތުރުތަކެއް ނޫން ކަމަށާއި، މުޅި އަހަރު ދުވަހު ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދިނުމަށް ކުރާ ދަތުރުތަކެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ. ޑާކާއަކީ ވިޔަފާރިއާއި، ކުރު ޒިޔާރަތްތަކާއި، އަދި ސަރަހައްދީ އެހެން ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
މޯލްޑިވިއަނުން ޑާކާއަށް ކުރާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއަކު ދެ ދުވަހުއެވެ. އެއީ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ފްލައިޓްތަކުގެ ގަޑިތައް ރޭވިފައިވަނީ ޑާކާއަށާއި މާލެއަށްވެސް ހެނދުނުގެ ވަގުތުގައި ފޯރާ ގޮތަށެވެ. މީގެ ސަބަބުން ބަންގްލަދޭޝްގެ އެހެން ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އެންމެ އެކަށީގެންވާ ވަގުތުގައި ދަތުރުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެއެވެ.
މި ދަތުރުތަކުގެ ޓިކެޓް މޯލްޑިވިއަންގެ ވެބްސައިޓް، މޮބައިލް އެޕްލިކޭޝަން، ކޯލް ސެންޓަރު 1671 ނުވަތަ އޮންލައިން ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ބުކް ކުރެވޭނެއެވެ. ބަންގްލަދޭޝްގައި ތިއްބަވާ ފަރާތްތަކުން މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އެޖެންޓް، ގެލެކްސީ އެވިއޭޝަން ލިމިޓެޑް މެދުވެރިކޮށް ޓިކެޓްގެ ކަންކަން ހަމަޖެއްސޭނެއެވެ.

