ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 20:48 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިޤްބާލް ކަނޑުމައްޗަށް ނިކުމެފައިވަނީ ރޭ ފަތިހުގެ ވަގުތެެއްގައި ކުޑަ ޑިންގީއެއްގައި އެކަނިމާ އެކަންޏެވެ. އަދި އޭނާ ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާއިގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.
މުޙައްމަދު އިޤްބާލްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

