ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނިކޮށް ގެއްލިގެން ހޯދަމުންދިޔަ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރުއެވެ. އޭނާ ފެނުނީ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން، ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގެ ކައިރިންނެވެ. އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިޤްބާލް ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 20:48 ހާއިރުއެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނިމާ އެކަންޏެވެ. އަދި އޭނާ ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތްކަންވެސް ފުލުހުން ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން އިޤްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. މި މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

