އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވަނީ ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމުން އަލިވެ 2:00 ހާއިރުއެވެ. އަލިފާން ރޯވި އެކޮމޮޑޭޝަން ބްލޮކުން ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.
ސިއްހީ މަރުކަޒަށް ގެންދެވުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރުމަށްޓަކައި މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭނެއެވެ.

