ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގައި (އީވީ) ފެހިކުލައިގެ ނަމްބަރު ޕްލެޓް ބޭނުންކުރަން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން އެވެ.
ވަޒީރު މުޙައްމަދު އަމީން ވަނީ އިލެކްޓްރިކް ވެހިކަލްތަކުގައި ބޭނުންކުރާނެ ނަންބަރު ބޯޑުގެ ނަމޫނާއެއް މިރޭ އާންމުކުރައްވާފައެވެ. ގާނޫނަށް ގެނެވޭ ބަދަލުތަކާއެކު، އަމިއްލަ މީސްމީހުން ގެންގުޅޭ އިލެކްޓްރިކް އުޅަނދުތަކާއި، އިލެކްޓްރިކް އުޅަނދު ބޭނުންކޮށްގެން ޓެކްސީ ކުރާ ފަރާތްތަކުންވެސް ބޭނުންކުރަން ޖެހޭނީ މި ފެހިކުލައިގެ ނަމްބަރު ޕްލެޓެވެ.
ސަރުކާރުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް އޮތް ފިތުރު އީދު ދުވަހު ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި 150 އިލެކްޓްރިކް ކާރު ގެނެސްގެން ހިދުމަތް ދިނުމަށް ވަނީ ރާވާފައެވެ.
މި ހިދުމަތް ދިނުމަށް އެމްޓީސީސީން ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 122 ޑްރައިވަރުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ މުވައްޒަފުންނެވެ. އެމްޓީސީސީން ބުނި ގޮތުގައި މި ޓެކްސީ ލައިންގެ ހިދުމަތް ދޭނީ މުޅިންވެސް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް ބޭނުންކޮށްގެންނެވެ.
މި ހިދުމަތް ދިނުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރަމުންދާއިރު، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ކާމިޔާބު މޮޑެލްތަކަށް ބިނާކޮށް ފަރުމާކުރާ ހިދުމަތެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

