ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ މީސްމީޑިއާ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި އިޢުލާނުކުރެއްވި މުހިންމު މަޝްރޫޢެކެވެ. އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، "މި ރަށަކީ މިއީ މި އަތޮޅުގެ ވެރިކަންކުރާ ރަށް. މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ރަށަށް ބިން އިތުރުވެގެންދިޔުން. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު އެކަމަށް ރައްޔިތުންނަށް ވަޢުދުވިން. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީގޮތުން ފެށި، އެއްވެސް ހުއްޓުމެއް ނައިސް ގޮސް ނިމިގެންދާނެ،" ކަމަށެވެ.
ޖުމްލަ 113.19 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އިތުރުން، 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.
އާބާދީގައި 1,270 މީހުން ދިރިއުޅޭ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބި، ގޯތި ދޫކުރާނެ ޖާގަ ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ލިބޭނެ ފުރުޞަތުތައް ވެސް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން، ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތަކީ ވެސް މި ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މުހިންމު މަޝްރޫޢުތަކެކެވެ.

