ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެކުނު ދާއިރާގައި ގާއިމުކުރި ޕީއެންސީގެ ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، އެ ޕާޓީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން އަންނަނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ފުޅާދާއިރާއެއްގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މާލޭގެ އެކި ދާއިރާތަކާއި ރަށްރަށުގައި ޕާޓީގެ ޖަގަހަތައް ގާއިމުކޮށް، ސިޔާސީ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ.
މާލެ ސިޓީގައި ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ “ޑޯޓުޑޯ” ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންދާކަން ފާހަގަކުރެވެއެވެ.

