އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހިގެން މާލެ ގެނައި ދެމީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދޭން ފަށައިފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަމުން 2:00 ހާއިރުއެވެ.
އައިޖީއެމްއެޗް އިން މައުލޫމާތު ދެއްވި ގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ދެ މީހުންގެ ތެރެއިން އެކަކީ 40 އަހަރުގެ މީހެކެވެ. ނަމަވެސް އަނެއް މީހާގެ އުމުރު ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. “ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންްނަނީ 40 އަހަރުގެ މީހެއް، އަނެއް މީހާގެ އުމުރު އައިޑެންޓިފައި ނުކުރެވިގެން މިއުޅެނީ އަދި” އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.
މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. ނަމަވެސް، ލިބުނު އަނިޔާތަކުގެ ސަބަބުން މި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ އެއް ހާދިސާއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެއިން އެރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

