މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، މާފަންނު ދަކަންދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:01 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު (54އ) އެވެ. އޭނާ ފެނުނު ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މުޙައްމަދު ނިޒާރު ނިޔާވި ސަބަބާ ގުޅޭގޮތުން ފުލުހުން ބުނީ، އޭނާ ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ކުރި ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

