މ.ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ފަހިކުރުމަށްޓަކައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ދަށުން މިފްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 27 ސެޕްޓެމްބަރު 2025 ގައެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރަމުންދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓަކީ ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ގާބިލުކަން ހުންނަ ޕްލާންޓެކެވެ. މި ޕްލާންޓު ގާއިމުކުރަނީ 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއަކާވެސް އެކުގައެވެ. މިފްކޯއިން ބުނީ މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ވެސް ބައެއްކަން މިފްކޯއިން ފާހަގަކުރެއެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހަދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ނިމުމުން މ. އަތޮޅުގެ މަސްވެރިންނަށް އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

