ލ. އިސްދޫ އާއި ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވާފައިވާ މުހިންމު މަޝްރޫޢެކެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިސްދޫ އާއި ކަލައިދޫގެ ޖުމްލަ 4.39 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްދޫ އާއި ކަލައިދޫއަކީ ގުދުރަތީ ގޮތުން އެއް ބިމެއްގައި އޮތް ނަމަވެސް، އިދާރީ ގޮތުން ވަކި ދެ ރަށެއްގެ ގޮތުގައި އޮންނަ، 1600 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ދެ ރަށެވެ.
ސަރުކާރުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ރަށުގެ މައި ބޮޑެތި މަގުތަކާއި، އާއްމު ޚިދުމަތްތައް ދޭ މުއައްސަސާތައް ހިމެނޭ ސަރަޙައްދުތަކުގެ މަގުތައް ހިމެނެއެވެ. މަގުތައް ހެދުމުގެ އިތުރުން، ވާރޭފެން ބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ފެން ހިންދާ ނިޒާމު ޤާއިމުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މަގު ހެދުމުގެ މަސައްކަތުގެ އިތުރުން، އެ ސަރަޙައްދުގެ ތަރައްޤީއަށްޓަކައި ލ. ކަލައިދޫ އާއި ދަނބިދޫ ގުޅާލުމުގެ ބޮޑު މަޝްރޫޢެއްވެސް ދަނީ ކުރިއަށްދަމުންނެވެ. މިދިޔަ އޮކްޓޫބަރު މަހު ރައީސް ފައްޓަވައިދެއްވި މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢުގެ ދަށުން 315 މީޓަރުގެ ކޯޒްވޭއެއް ތަރައްޤީކުރެވޭނެއެވެ. މި ކޯޒްވޭއާއެކު ދަނބިދޫ، ކަލައިދޫ އަދި އިސްދޫ ހިމެނޭހެން ތިން ރަށުގެ 3500 އަށްވުރެ ބޮޑު އާބާދީއެއް އެއްގަމު މަގުން ގުޅާލެވޭނެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

