ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އިންތިހާބަށް ފޯރުވޭ ނުފޫޒުތައް ކުޑަވެ، ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފަރާތުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގައުމުގެ ހަމަޖެހުން ކުރިއަށް ގެންދިއުމާއި ސިޔާސީ ހަލަބޮލިކަން އެކީ އެކަށް ނައްތާލުމަށްޓަކައި އިންތިހާބުތައް އެއްކޮށްލުމަކީ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ހެވާއި ލާބަ ހޯދައިދިނުމަށް، އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ނުފޫޒުން އެއްކިބާވެގެން އެންމެ ގިނަ ރައްޔިތުން ނުކުމެގެން ވޯޓު ލެވޭނެ ގޮތް ފަހިވާނެ ގޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގައި ގާނޫނީ އެއްވެސް ފުށުއެރުންތަކެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިންތިހާބުތައް ވަކިން ބޭއްވުމުން ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، “ސަރުކާރެއް ހޮވިގެން ގޮސް، ދެން މަޖިލީސް އިންތިހާބު ދެން ހަތް މަސް ފަހުން އައުމުން ދެން މިވާގޮތަކީ އޭގައި ސަރުކާރުގެ ފަރާތުން ތިބި ކެންޑިޑޭޓުން ކަމަށް ބުނެ ރައްޔިތުންގެ ގާތަށް ގޮސް ކަންކަން ކުރުމުގައި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ކަންކަން ނުކުރެވޭ ހިސާބަށްވެސް ކަންތައް އާދޭ،” ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންމެ އިންސާފުވެެރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން ތިމަންނައަކީ ސަރުކާރު ކެންޑިޑޭޓޭ ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށާއި، އެ ދުވަހު ހޮވޭނީ ކޮން ސަރުކާރެއް ކަމެއް އެނގޭނެ މީހަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. “ހޮވޭ ސަރުކާރާއި ހޮވޭ މެންބަރުންނާއި އެއް ވަގުތެއްގައި ރައްޔިތުން ކަނޑައެެޅީމަ، އެއީ ނުފޫޒުން އެއްކިބާވެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެންމެ ހަނިކޮށް، އަދި އެންމެ ގިނަ ރައްޔިތުންނަށް ވޯޓު ލުމުގެ އިންތިހާބު ބޭއްވިގެންދާ ގޮތް،” ރައީސް ވިދާޅުވި އެވެ.
މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނަން ފަށާނީ ޑިސެމްބަރު އެކަކުން ފެށިގެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މި ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގަ އެވެ. މިއީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.

