އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން އެވެ. އޭނާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:41 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އޭނާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ފުރަތަމަ ވަނީ އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އާއްމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ފުލުހުން ވިދާޅުވީ މި މަރުގެ ހާދިސާއާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

