ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުވެ، ވައި ސާފުވަމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވުމަށްފަހު އައި ބަދަލެކެވެ.
ވައިގެ ސާފުމިން ބަލާ “އައިކިއު އެއާ” ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފުކަން ހުރީ އާދައިގެ މިންވަރެއްގައެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ވައިގެ ސާފުކަން 60 ގައި ހުރިއިރު، މާލެ ސަރަހައްދުގައި ހުރީ 55 ގައެވެ. އަދި އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ވައިގެ ސާފުކަން ހުރީ 33 ގައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ވައިގެ ސާފުކަން އިތުރަށް ރަނގަޅުވާނެއެވެ. “ކުރިއަށް އޮތް ތިން ދުވަހަށް ބަލާއިރު، ވައި ސާފުވާނެކަމަށް ދައްކާ” ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މިދިޔަ މަހު ވައި ނުސާފުވުމާ ގުޅިގެން، ބޭރަށް ނިކުންނައިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވެއެވެ.
ވައި ސާފުވުމުގެ އިތުރުން ރާއްޖޭގެ މޫސުން ވެސް މިހާރު ވަނީ ރަނގަޅުވެފައެވެ. މެޓް އޮފީހުން ބުނި ގޮތުގައި ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. އަދި ކަނޑުތައް ވެސް އާންމު ގޮތެއްގައި މަޑުވާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ރަނގަޅުވި ނަމަވެސް، މިއީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހްސާސްކުރެވޭ ހޫނުމިން އަދިވެސް ހުރީ މަތީގައެވެ. އެގޮތުން ހަނިމާދޫ އާއި ކާޑެއްދޫގައި އިހްސާސް ކުރެވޭ ހޫނުމިން 35.7 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، މާލެ ސަރަހައްދުގައި ހުރީ 34.9 ގައެވެ. މީގެ އިތުރުން ކައްދޫގައި 34.5 އަދި ގަމުގައި 33.8 ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހުރި ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

