ދަރިންނަށް ދެ އަހަރު ފުރެންދެން، އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ މި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
ވަޒީފާއާ ބެހޭ ގާނޫނު ކުރިން އޮތް ގޮތުން ދަރިފުޅަށް އެއް އަހަރު ވަންދެން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް އަންހެން މުވައްޒަފުންނަށް ދޭން ޖެހެއެވެ. ނަމަވެސް، ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި އިސްލާހާއެކު، ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭނެއެވެ.
މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ. މީގެ އިތުރުން، ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖައާކޮށް، ބައެއް ފަރާތްތައް އެ ފީން އިސްތިސްނާކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
ބިލުގައިވާ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. މިއީ ވިޔަފާރިތަކަށް ލުއިތަކެއް ހޯދައިދިނުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ގެނެވުނު ބަދަލެކެވެ.
މި ބިލު ތަސްދީގު ކުރެއްވުމާއެކު، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. މިއީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

