މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ އަހުމަދު ރައްޔިތުންނާ އީދު ސަލާމް ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ފިތުރު އީދު ދުވަހު ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ.
އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރައީސްގެ ދެކަނބަލުން ވަނީ އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން މި އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައި ދައުވަތު އަރުވާފައެވެ.
އީދު ދުވަހުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރައްޔިތުންނާ ސަލާމް ކުރެއްވުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުންދާ ކަމެކެވެ. މާޒީއަށް ބަލާއިރު، އީދު ދުވަސްތަކުގައި އެންމެ ގިނައިން އީދު ސަލާމް ކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް މި ސަގާފަތް ކުރިއަށް ގެންގޮސްފައިވެއެވެ.
ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ގުޅިގެން ރައްޔިތުންނާ ބައްދަލުކޮށް އީދު ސަލާމް ކުރުން މެދުކަނޑާލެވުނެވެ. އަދި ކޮވިޑުން އަރައިގަނެ، އާންމު ހާލަތަކަށް އައި ފަހުން ވެސް އީދު ދުވަސްތަކުގައި ސަލާމް ކުރަން ވަކި ހާއްސަ ހަރަކާތެއް ބާއްވާފައި ނުވާކަން ފާހަގަކުރެވެއެވެ.

