ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު 7 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމްކޮށްފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ފުލުހުން ހޯދި ހެކިތަކާއި ހެކިބަހަށް ރިއާޔަތްކުރުމަށްފަހު، 2026 މާރޗު 10 ވަނަ ދުވަހު ކޯޓުން ކުރި ހުކުމުގައިވަނީ ޝަފީޤުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. އޭނާ 7 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހެނީ 4 އަހަރުގެ ޖަލު ހުކުމެކެވެ.
ޝަފީޤުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ. މި މާރާމާރީ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:30 ހާއިރު، މާލޭގެ ވިލިމާލެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުގައެވެ. މި ހާދިސާގައި ޝަފީޤު ވަނީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ހާދިސާ ހިނގި ތަނުން ހެކި އެއްކުރުމާއި، މަންޒަރު ދުށް މީހުންގެ ބަޔާން ނެގުމުގެ އިތުރުން މާރާމާރީގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށް ފުލުހުން ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގިއެވެ. ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް މި މައްސަލަ ކޯޓަށް ހުށަހެޅުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ޝަރީއަތުގެ ފެށުމުގައި ޝަފީޤު ކުށަށް އިންކާރުކޮށް ދިފާއީ ހެކި ހުށަހެޅި ނަމަވެސް، މައްސަލައިގެ ފަހު މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

