ޒުވާން ހަތީބުން ތަމްރީނުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަޝްރޫއުގެ ތެރެއިން، އދ. މާމިގިލިން 26 ޒުވާނަކު ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މާމިގިލީގައި ބޭއްވި ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިހާރު ބާއްވާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ޖުމްލަ 26 ޒުވާނަކު ވަނީ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ދިވެހި ޒުވާނުންނަށް ދީނީ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި މަސައްކަތަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1000 ޒުވާން ހަތީބުން ތަމްރީނުކޮށް އުފެއްދުމެވެ.

