އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން އިމާރާތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ބަންގްލަދޭޝްގެ ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު އެ ގައުމަށް ފޮނުވާލައިފިއެވެ. މި ހާދިސާއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހާރު ކެއުމަށް ތައްޔާރުވަމުން ދަނިކޮށް ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާއެކެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދުގެ ވަގުތެއްގައި ގައުމަށް ފޮނުވާލާފައިވަނީ ސާދަރު އަލީ އާއި ޝަފީގުލް އިސްލާމްގެ ހަށިގަނޑެވެ. މި ހާދިސާގައި މަރުވި ފަސް މީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެއީ ރާޖު އުދިން އިސްލާމް، ސާދަރު އަލީ، ރޮބިން މޮއްލާ، ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރްއެވެ.
މި ހާދިސާގައި އަނިޔާވި ޖަމާލް އުދިން އާއި ސައްދާމް ހޮސެއިންއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި ފަރުވާ ދެމުންދަނީ 40 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުންނަށެވެ. އެ ދެ މީހުންގެ ހާލު ސީރިއަސްވުމުގެ ސަބަބުން އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް އާއި އެމްބަސީގެ އިސް އޮފިޝަލުން ވަނީ އައިޖީއެމްއެޗަށް ޒިޔާރަތްކުރައްވައި ބަލިމީހުންގެ ހާލު ބައްލަވާފައެވެ. މީގެ އިތުރުން މަރުވި މީހުންގެ ހަށިގަނޑުތައް ބަހައްޓާފައި ހުރި ގަލޮޅު މޯޗަރީއަށްވެސް ސަފީރު ޒިޔާރަތްކުރެއްވިއެވެ. ހައި ކޮމިޝަނުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އެރޭ ދަންވަރު 1:57 ހާއިރުއެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު ބަދިގެ ތެރޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ހުއްޓެވެ. ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި އާންމުން ގުޅިގެން ވަނީ ގޭގެ ބިތްދޮށު ފާރު ތަޅާލާފައެވެ.

