ލިޔުއްވީ: އަޙްމަދު ފާރޫޤު މުޙައްމަދު
ލައިލަތުލްޤަދްރި އަކީ ކަނޑައެޅިގެން ވަކި ރެއެއްކަން ބަޔާންވެފައި ނުވިއަސް، އެ ރޭ ދެނެގަނެވޭނެ ޢަލާމާތްތަކަކީ ކޮބައިކަން އެތައް ގޮތަކުން ބަޔާންވެފައިވެއެވެ. އޭގެތެރެއިން ބަޔެއް ޢަލާމާތަކީ، އެ ބަރަކާތްތެރި ރެއަށް ޚާއްޞަވެފައިވާ ޢަލާމާތްތަކެކެވެ. އަނެއްބައި ޢަލާމާތަކީ، އެ ރޭ ފާއިތުވުމަށްފަހު، އެ ރޭގެ ފަތިސްވަގުތަށް ޚާއްޞަވެފައިވާ ކަންތައްތަކެކެވެ.
ފުރަތަމައީ: ލައިލަތުލްޤަދްރި ވިލޭރެއަށް ޚާއްޞަވެފައިވާ ބައެއް ޢަލާމާތުގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) އެ ރޭގެ ހަނދު، ބޯތަށިފަޅިއެއްހެން ފެނުން. (ށ) ސާދަވިލޭރޭގެ ހަނދުއަރައި، އުޑުމެދުޖެހިފައި ހުންނަހެން އަލިކަންބޮޑު، އަދި ހަނުހިމޭން ރެއެއްކަމުގައިވުން. (ނ) ބިންމަތީގައިވާ އަކިރިތަކަށްވުރެ ގިނައިން، މަލާއިކަތުން އެ ރޭ ފައިބައިވަޑައިގަތުން. (ރ) އެ ރެއަކީ، މާ ހޫނުގަދަ ރެއެއްކަމުގައި، އަދި މާ ފިނިގަދަ ރެއެއްކަމުގައި ވެސް ނުވުން.
ދެވަނައީ: އެ ރެއަށް ޚާއްޞަވެފައިވާ ވަގުތު ނިމި ދިޔުމަށްފަހު، އަނެއް ދުވަހަށް އިރުއަރާހިނދު ފާޅުވާ ބައެއް ޢަލާމާތް.
(ހ) އެ ރޭގެ ފަތިހު އިރުއަރާއިރު އިރުގެ ދޯދިތައް ނެތުން. (ށ) އެ ރޭގެ ފަތިހު އިރުއަރާއިރު ފަތާ ތަށްޓެއްހެން ފެނުން. (ނ) އެ ރޭގެ ފަތިހު އިރުއަރާއިރު ސާފުކޮށް ފެނުން. (ރ) އެ ރޭގެ ފަތިހު އިރުއަރާއިރު ބަލައިލުމަށް ފަސޭހަކޮށް ފެނުން.
ޞަޙީޙުލްބުޚާރީގެ ޝަރަޙަ ލިޔުއްވުމުގައި އަލްއިމާމު އިބްނުޙަޖަރު އަލްޢަސްޤަލާނީ (ރަޙިމަހު اللَّهُ) ވިދާޅުވެފައިވެއެވެ. [އަލްއިމާމުލް ބުޚާރީގެ ޞަޙީޙުގައި [ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެތެރެއިން ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުން] މިފަދައިން އެ ކަލޭގެފާނު މި ބާބުގެނަން އެކަށައަޅުއްވާފައި ވުމުން ދޭހަވާ ކަމަކީ، ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާންމަހަށް ޚާއްޞަ ރެއެއްކަމަށް ބެލެވޭކަމެވެ. އެއަށްފަހު އެ މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެތެރެއިން ރެއެއްގައި އަންނަ ޚާއްޞަ ރެއެއްކަމެވެ. އަދި އެ ރެއަކީ، ރަމަޟާންމަހުގެ ފަހުދިހައިގެ ވަކި ރެއެއްކަން ކަނޑައެޅިގެން އެނގެންނެތްކަމެވެ. މި މައުޟޫޢުގައި ވާރިދުވެގެން އައިސްފައިވާ އެންމެހައި ޙަދީޘްތަކުން ދޭހަވާގޮތަކީ ވެސް އެއީއެވެ.
ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮބައިކަން އެނގޭނެ ބައެއް ޢަލާމާތްތައްވެސް ޙަދީޘްތަކުގައި ބަޔާންވެފައިވެއެވެ. އޭގެތެރެއިން ގިނަ ކަންކަމަކީ އެ ރޭގެވަގުތު ފާއިތުވުމަށްފަހުގައިމެނުވީ ފާޅުވާ ކަންތައްތަކެއްނޫނެވެ.] (1)
ދެން މިއަށްފަހު އެކިއެކި ޢިލްމުވެރި އިމާމުންގެ ފޮތްފޮތުގައި ރިވާވެގެން އައިސްފައިވާ ޙަދީޘްތަކުގެތެރެއިން ލައިލަތުލްޤަދްރި ވިލޭރޭގެ ޢަލާމާތްތައް ބަޔާންވެގެންވާ ޙަދީޘްތައް އިބްނުޙަޖަރު ބަޔާންކުރައްވާފައިވެއެވެ. ތިރީގައި މި ނަންގަންނަނީ، އިބްނުޙަޖަރު ބަޔާންކުރައްވާފައިވާ ޙަދީޘްތަކުގެތެރެއިން ބައެއް ޙަދީޘެވެ. އެ ޙަދީޘްތައް ރިވާކުރެއްވި ބޭކަލުންގެ ފޮތްފޮތަށް އިޝާރާތްކުރުމާ އެކުގައެވެ.
1- ލައިލަތުލްޤަދްރި ވިލޭރެއަށް ޚާއްޞަވެފައިވާ ބައެއް ޢަލާމާތް.
ފުރަތަމައީ: އެ ރޭގެ ހަނދު، ބޯތަށިފަޅިއެއްހެން ފެނުން.
އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ތިއްބަވައި، ތިމަންމެން ލައިލަތުލްޤަދްރި ވިލޭރޭގެ ހަނދާންކުރައްވައި އެ ވާހަކަ ދެއްކެވީމުއެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. {އެ ރޭ ހަނދުއަރާއިރު ފެންނަނީ، ބޯތަށްޓެއްގެ އެއްފަޅިހެންކަމަށް ހަނދުމަހުރީ ތިޔަ ބޭކަލުންކުރެ ކޮން ބޭކަލުންނެއްތޯއެވެ؟}
ޞަޙީޙު މުސްލިމުގެ ޝަރަޙަ ލިޔުއްވުމުގައި އަލްއިމާމުއްނަވަވީ (ރަޙިމަހު اللَّهُ) ވިދާޅުވެފައިވެއެވެ. [މި ޙަދީޘުގައި އައިސްފައިވާ {ބޯތަށްޓެއްގެ އެއްފަޅިހެން} ނޭ، އޮތް ބަސްފުޅާމެދުގައި އަލްޤާޟީ (ޢިޔާޟު ބުނު މޫސާ ބުނު ޢިޔާޟު އަލްޔަޙްޞަބީ އަވަހާރަވީ 544ހ.) ވިދާޅުވިއެވެ. މަހުގެ ފަހުކޮޅުގެ ރެއެއްގައިމެނުވީ ހަނދުއަރާއިރު ބޯތަށިފަޅިއެއްގެ ސިފައިގައެއް ނުފެންނާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ اللَّهُ އެވެ.] (3)
އަލްއިމާމު އިބްނުޙަޖަރު ވިދާޅުވެފައިވެއެވެ. [މި ޙަދީޘުގައި އައިސްފައިވާ {مِثْلُ شِقِّ جَفْنَةٍ؟} {ބޯތަށްޓެއްގެ އެއްފަޅިހެން} ކަމަށް އައިސްފައިވާ ބަސްފުޅާމެދުގައި އަބުލްޙަސަނު އަލްފާރިސީ، (ޢަބްދުލްޣާފިރު ބުނު އިސްމާޢީލު ބުނު ޢަބްދުލްޣާފިރު ރަޙިމަހު اللَّهُ އަވަހާރަވީ 529ހ.) ވިދާޅުވެފައިވެއެވެ. [މި ބަސްފުޅުން ދޭހަވަނީ އެ ރެޔަކީ 27 ވިލޭރޭ ކަމެވެ. އެހެނީ އެރޭ ހަނދު އަރާއިރު ފެންނާނީ މި ސިފައިގައެވެ.] (4)
ދެވަނައީ: ސާދަވިލޭރޭގެ ހަނދުއަރައި، އުޑުމެދުޖެހިފައި ހުންނަހެން އަލިކަންބޮޑު، އަދި ހަނުހިމޭން ރެއެއްކަމުގައިވުން.
އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢުބާދަތު ބުނުއްޞާމިތުގެ އަރިހުން އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ޢުބާދަތު ބުނުއްޞާމިތު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَ سَلَّمَ ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ލައިލަތުލްޤަދްރި ވިލޭރޭގެ ޢަލާމާތްތަކުގެތެރެއިން އެ ރެއަކީ އުޑުމަތީގައި އަލިކަންބޮޑު ރެއެއްކަމުގައިވާނެތެވެ. ހީވާނީ ސާދަވިލޭރޭގެ ހަނދުއަރައި، މެދުއުޑުގައި ހުނަނީހެންނެވެ. ހަނުހިމޭންކަންބޮޑު ރެއެއްކަމުގައި ވެސް ވާނެތެވެ. އެއީ، މާ ހޫނުގަދަ ރެއެއްކަމުގައި ނުވާނެތެވެ. އަދި މާ ފިނިގަދަ ރެއެއް ކަމުގައި ވެސް ނުވާނެތެވެ. އެއީ، ފަތިސްވެއްޖައުމަށްދާނދެން ގިނިހިލަތައް އުއްކެވުންވާނެ ރެއެއް ނުމެނޫންމެއެވެ.
(މުސްނަދު އަޙްމަދުގެ ޝަރަޙަކުރެއްވި ޢިލްމުވެރިޔަކު ކަމުގައިވާ އައްޝައިޚު އަޙްމަދު ޢަބްދުއްރަޙްމާނު އަލްބައްނާ (ރަޙިމަހު اللَّهُ) ވިދާޅުވެފައިވެއެވެ. ގިނިހިލަ އުއްކެވުންވަނީ، ޝައިޠާނުންތައް އެހުމުން ވައްކަންކުރަންއުޅޭ ހިނދުގައެވެ. އެ ރެއަކީ ޝައިޠާނުންތައް ބަންދުކުރެއްވިގެންވާ ރޭތަކުގެތެރޭގައި އަންނަ ރެއެއް ކަމަށްވުމާއެކު އެ ކަމުގެ ބޭނުމެއްނެތުމުން ގިނިހިލައުއްކެވުން ނުވަނީއެވެ.) އަދި ލައިލަތުލްޤަދްރި ވިލޭރޭގެ ޢަލާމާތްތަކުގެ ތެރެއިން އެ ރޭގެ ފަތިހު އިރުއަރާނީ، ޢާއްމުކޮށް އިރުއަރާއިރު ހުންނަ ލޯތައް ތަރަތަރަޖަހާގޮތް ނެތި ސާފުކޮށެވެ. ސާދަވިލޭރޭގެ ހަނދެކޭ އެއްފަދައިން އިރުގެ ދޯދިތަކެއް ނުހުންނަހުއްޓެވެ. އެރޭގެ ފަތިހު އިރުއަރާއިރު ޝައިޠާނާއަށް އެއާއެކު ނޭރޭހުއްޓެވެ.} (އައްޝައިޚު އަޙްމަދު ޢަބްދުއްރަޙްމާނު އަލްބައްނާ (ރަޙިމަހު اللَّهُ) ވިދާޅުވެފައިވެއެވެ. އަލްބުޚާރީއާއި މުސްލިމާއި އެހެން އެތަކެއް ބޭކަލުން ރިވާކުރެއްވި ޙަދީޘަކުން ސާބިތުވާގޮތުގައި، ކޮންމެ ދުވަހަކު ވެސް އިރުއަރަނީ، ޝައިޠާނާގެ ދެ ދަޅުގެ ދެމެދުންނެވެ. ނަމަވެސް އެރޭގެ ކަރާމާތަށްޓަކައި، އިރުއަރާއިރު އެ ކަލޭގެއަށް އެ ފުރުސަތެއް ނުލިބޭނެތެވެ.)
މުސްނަދު އަޙްމަދުގެ ތަޙްޤީޤުކުރެއްވި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. [މި ޙަދީޘުގެ ފުރަތަމަބައި ތަފާތު ސަނަދުތަކުން ރިވާވެގެންވުމާއެކު އެއީ، ޙަސަނު [ރަނގަޅު] ޙަދީޘެއްކަމަށް ބެލެވެއެވެ.] (ނޯޓް: މި ޙަދީޘުގެ ފުރަތަމަބައި މީގެކުރިން [ލައިލަތުލްޤަދްރި އަކީ ރަމަޟާންމަހުގެ 23 އަދި 25 ވިލޭރޭކަމަށް ބަޔާންވެފައިވާ ބައެއް ޙަދީޘް] މި ޢުންވާނުގެ ދަށުގައި ގެނެސްދެވިފައި ވާނެއެވެ.)
އަދި ޙަދީޘުގެ ދެވަނަ ބައިވެސް އެއަށް ގަދަކަންލިބިދޭ މުތާބަޢާތާއި، އިތުރު ހެކިތައް ހުރުމުން އެއީ ވެސް، ޙަސަނު [ރަނގަޅު] ޙަދީޘެއްކަމަށް ބެލެވެއެވެ. މި ނަންގަނެވުނު މުތާބަޢާތުގެތެރޭގައި، ޖާބިރުގެފާނުގެ އަރިހުން އަލްއިމާމު އިބްނުޚުޒައިމާ ރިވާކުރެއްވި 2190 ނަންބަރު ޙަދީޘާއި، އަލްއިމާމު އިބްނުޙިއްބާނު ރިވާކުރައްވާފައިވާ 3688 ނަންބަރު ޙަދީޘް ހިމެނެއެވެ.] (7)
ތިރީގައި އެ ވަނީ މިތާނގައި އިޝާރާތްކުރައްވާފައިވާ ދެ ބޭކަލުން ރިވާކުރެއްވި ޙަދީޘެވެ.
އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން އަލްއިމާމު އިބްނުޚުޒައިމާއާއި، އަލްއިމާމު އިބްނު ޙިއްބާނާ ދެ ބޭކަލުން، އެ ދެ ބޭކަލުންގެ ޞަޙީޙުގައި ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ.
ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَ سَلَّمَ ޙަދީޘްކުރެއްވިއެވެ. {ތިމަންކަލޭގެފާނަށް ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ދެއްކެވުނެވެ. އެއަށްފަހު ތިމަންކަލޭގެފާނަށް އެ ކަންތައް ހަނދުމަނެތި ކުރެއްވުނެވެ. އެ ރެއަކީ (ރަމަޟާންމަހުގެ) ފަހުދިހައިގެތެރެއިންވާ ރެއެކެވެ. އެ ރެއަކީ އުޑުމަތީގައި އަލިކަންބޮޑު ރެއެއްކަމުގައި ވާނެތެވެ. އެއީ މާހޫނުގަދަ ރެއެއްކަމުގައި ނުވާނެއެވެ. ހީވާނީ ތަރިތަކުގެ އަލިކަން ފަނޑުކޮށްލާފައި ހަނދު އަރާފައި ހުރީހެންނެވެ. އެރޭގެ ފަތިހު އިރުއަރާއިރު، ޝައިޠާނާއަށް އެއާއެކު ނޭރޭހުއްޓެވެ.}
ތިންވަނައީ: ބިންމަތީގައިވާ އަކިރިތަކަށްވުރެ ގިނައިން، މަލާއިކަތުން އެ ރޭ ފައިބައިވަޑައިގަތުން.
އަބޫހުރައިރަތުގެފާނުގެ އަރިހުން އިބްނުޚުޒައިމާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَ سَلَّمَ ޙަދީޘްކުރެއްވި އެވެ. ހަމަކަށަވަރުން، އެ ރޭގައި ބިންމަތީގައި މަލާއިކަތުންގެ އަދަދު ބިންމަތީގައިވާ އަކިރިތަކަށްވުރެ ގިނަވާހުއްޓެވެ.
ހަތަރުވަނައީ: އެ ރެއަކީ، މާ ހޫނުގަދަ ރެއެއްކަމުގައި، އަދި މާ ފިނިގަދަ ރެއެއްކަމުގައި ވެސް ނުވުން.
އެ ދެ ބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން ޢަބްދު اللَّهِ ގެފާނުގެ އަރިހުން އަލްއިމާމު އިބްނުޚުޒައިމާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އެ ރއަކީ ވަރަށް އުޖާލާރެއެކެވެ. މާ ހޫނެއް ނުވާނެއެވެ. އަދި މާ ފިންޏެއް ވެސް ނުވާނެއެވެ. އެރޭގެ ފަތިސްވަގުތު އިރުއަރާހިނދު ފެންނާނީ، ބަލައިލަން ފަސޭހަކޮށެވެ. އިރުގެ ދޯދިތަކެއް ނުހުންނަހުއްޓެވެ.
2- އެ ރެއަށް ޚާއްޞަވެފައިވާ ވަގުތު ނިމި ދިޔުމަށްފަހު، އަނެއް ދުވަހަށް އިރުއަރާހިނދު ފާޅުވާ ބައެއް ޢަލާމާތް.
ފުރަތަމައީ: އެ ރޭގެ ފަތިހު އިރުއަރާއިރު އިރުގެ ދޯދިތައް ނެތުން.
އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އުބައްޔު ބުނު ކަޢުބުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘުގައިވެއެވެ. އުބައްޔު ވިދާޅުވިއެވެ. އެ ރެއަކީ، (ރަމަޟާންމަހުގެ) 27 ވިލޭރޭގެ ފަތިހެވެ. އެ ރޭގެ ޢަލާމާތަކީ، އެ ރޭގެ ފަތިހު އިރުއަރާއިރު ހުންނާނީ ހުދުކުލައިގައެވެ. (މިބަހުގެ މާނަ ފަހުންމި އަންނަނީއެވެ.) އިރުގެ ދޯދިތަކެއް ނުހުންނަހުއްޓެވެ.}
ދެވަނައީ: އެ ރޭގެ ފަތިހު އިރުއަރާއިރު ފަތާ ތަށްޓެއްހެން ފެނުން.
އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އުބައްޔު ބުނު ކަޢުބުގެ އަރިހުން އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.ހަމަކަށަވަރުން، އެ ރޭގެފަތިހު އިރުއަރާއިރު ފެންނާނީ ފަތާ ތަށްޓެއްފަދައިންނެވެ. އިރުގެ ދޯދިތަކެއް ނުހުންނަހުއްޓެވެ.
ތިންވަނައީ: އެ ރޭގެ ފަތިހު އިރުއަރާއިރު ސާފުކޮށް ފެނުން.
އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢަބްދު اللَّهِ ބުނު މަސްޢޫދުގެ އަރިހުން އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އެ ރޭގެފަތިހު އިރުއަރާއިރު ފެންނާނީ، ވަރަށް ސާފުކޮށެވެ. ދޯދިތަކެއް ނުހުންނަހުއްޓެވެ.
ހަތަރުވަނައީ: އެ ރޭގެ ފަތިހު އިރުއަރާއިރު ބަލައިލުމަށް ފަސޭހަކޮށް ފެނުން.
އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން ޢަބްދު اللَّهِ ގެ އަރިހުން އިބްނުޚުޒައިމާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އެ ރޭއަކީ ވަރަށް އުޖާލާރެއެކެވެ. މާ ހޫނެއްނުވާނެއެވެ. އަދި މާ ފިންޏެއްވެސް ނުވާނެއެވެ. އެރޭގެ ފަތިސްވަގުތު އިރުއަރާހިނދު ފެންނާނީ ބަލައިލަން ފަސޭހަކޮށެވެ. އިރުގެދޯދިތަކެއް ނުހުންނަހުއްޓެވެ.
މީގެއިތުރަށްވެސް އެތަކެއް ބޭކަލުން ރިވާކުރައްވާފައިވާ ޙަދީޘްތައް އަލްއިމާމު އިބްނުޙަޖަރު ބަޔާންކުރައްވާފައިވެއެވެ.
ރޯދައިގެ އަޅުކަން އެންމެ ފުރިހަމަގޮތުގައި އަދާކޮށް، ލައިލަތުލްޤަދްރި ވިލޭރޭގެ މަތިވެރިކަން ހެޔޮގޮތުގައި ލިބިގަތުމުގެ ހެޔޮތައުފީޤު اللَّهُ ތަޢާލާ އަޅަމެންނަށް ދެއްވާށިއެވެ. އަޅަމެންނީ اللَّهُގެ ދީލަތިވަންތަކަމުން ފާފަފުއްސަވައި، ނަރަކައިން މުއްތިކުރައްވާ މީސްތަކުންގެތެރެއިން ލައްވާށިއެވެ. ކުރިމަތިވެފައިވާ މި ނުރައްކާތެރި ކޮރޯނާ ވަބާއާއި، އެ ކަމާގުޅިގެން މެދުވެރިވާ އެންމެހައި ގެއްލުންތަކުން އެންމެހައި މުސްލިމުންނާއި، އެންމެހައި މީސްތަކުން ސަލާމަތްކުރައްވައި ރައްކާތެރި ކުރައްވާށިއެވެ. اللَّهُ ތަޢާލާ ރުހިވޮޑިގެންވާ މާތްވި އިސްލާމްދީން ނަޞްރުވެރިކުރައްވައި މަތިވެރިކުރައްވާށިއެވެ. އާމީން!!
(ލިޔުންތެރިކަމުގެ ގުޅުން ، ނެގިފައިވާ ލިޔުމެއް)

