މިދިޔަ އަހަރުގެ ތެރޭގައި ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ދޫކޮށްލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރައްވައިފިއެވެ. ކަރެކްޝަނުން މިކަން ހާމަކުރެއްވީ މިދިޔަ އަހަރު ގައިދީންނަށް ފޯރުކޮށްދީފައިވާ އެކި ޚިދުމަތްތަކާއި ގުޅޭގޮތުން އާންމުކުރެއްވި ތަފާސްހިސާބުތަކުގައެވެ.
ކަރެކްޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ޖުމްލަ 241 ރިކުއެސްޓެއް ލިބިފައިވެއެވެ. މީގެ ތެރެއިން 189 ފޯމަކީ ޝަރުތު ހަމަވާ ފޯމުތައް ކަމަށް ކަނޑައަޅާފައިވާއިރު، 43 ފޯމެއް ޝަރުތު ހަމަނުވާ ކަމަށް ވަނީ ނިންމާފައެވެ. އަދި 8 ފޯމެއްގެ މައްސަލަ ނިންމާފައި ނުވާއިރު، އެއް ފޯމު އޮތީ ޤާނޫނީ ލަފައަކަށް އެދިފައެވެ.
ޕެރޯލް ބޯޑަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ 86 ފޯމެއް ބޯޑަށް ހުށަހެޅުނެވެ. އޭގެ ތެރެއިން 42 މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ހުއްދަ ދީފައިވާއިރު، 44 މީހަކަށް އެ ހުއްދަ ދީފައެއް ނުވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޕެރޯލްގެ ދަށުން އަމަލީގޮތުން ދޫކޮށްލީ 22 މީހުންނެވެ. އަދި 25 މީހުން ދޫކޮށްލުން ކެންސަލް ކުރިއިރު، އޭގެ ތެރެއިން ދެ މީހަކު ކެންސަލް ކުރީ އެމީހުންނާ ހަވާލުވާނެ ބަޔަކު ނުވުމުގެ ސަބަބުންނެވެ. ނަމަވެސް ޖުމްލަ 27 މީހަކު ވަނީ އަލުން މުޖުތަމައުއަށް ދޫކޮށްލާފައެވެ.
ޖަލުތަކުގައި ބަންދުގައި ތިބި މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދަށުން، މިދިޔަ އަހަރު 12,887 ފަހަރު އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންނަށް ގައިދީން ދައްކާފައިވެއެވެ. އަދި އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް 2,160 ފަހަރު ގައިދީން ދައްކާފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.
ގައިދީންނަށް އާއިލާއާ މުއާމަލާތް ކުރުމަށް ދީފައިވާ ފުރުސަތުތަކަށް ބަލާއިރު، މާފުށި ޖަލުން 5,169 ފޯން ކޯލް ކޮށްފައިވެއެވެ. މީގެ ތެރޭގައި 150 ވީޑިއޯ ކޯލް ހިމެނެއެވެ. ހުޅުމާލެ ޖަލުން 2,742 ފޯން ކޯލާއި 47 ވީޑިއޯ ކޯލް ކޮށްފައިވާއިރު، އައްސޭރި ޖަލުން 2,662 ފޯން ކޯލާއި ވީޑިއޯ ކޯލް ކުރުމުގެ ހުއްދަ ދީފައިވެއެވެ.
ޖަލުތަކުން ގައިދީން ގޮވައިގެން ކޮށްފައިވާ ދަތުރުތަކަށް ބަލާއިރު، އެންމެ ގިނަ ދަތުރު ކޮށްފައިވަނީ މާފުށީ ޖަލުންނެވެ. އެގޮތުން އެއްގަމު މަގުން 3,927 ދަތުރު އަދި ކަނޑުމަގުން 3,191 ދަތުރު މާފުށީ ޖަލުން ކޮށްފައިވެއެވެ. ހުޅުމާލެ ޖަލުން އެއްގަމު މަގުން 1,749 ދަތުރު ކޮށްފައިވާއިރު، އައްސޭރި ޖަލުން އެއްގަމު މަގުން 242 ދަތުރު އަދި ކަނޑުމަގުން 230 ދަތުރު ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

