ނ. ކެނދިކުޅުދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އާރުޑީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކެނދިކުޅުދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނުތައް އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ތަކެތި ރަށަށް ލިބުމާއެކު، މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ކެނދިކުޅުދޫގައި ހިންގާ މި މަޝްރޫއުތަކަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށް އާރުޑީސީއިން މައުލޫމާތު ދެއެވެ. މިއީ އެ ރަށުގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއުތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އާރުޑީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމާއި، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސަރުކާރުގެ ކުންފުންޏެކެވެ. މިގޮތުން ގިނަ ރަށްތަކެއްގައި މިހާރުވެސް ތަރައްގީގެ އެކި މަސައްކަތްތައް އެ ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

