ނ. ވެލިދޫގައި އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގައި ޖިއޯ ބޭޖް ޖެހުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ވެލިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތަކީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން، ހިއްކާފައިވާ ސަރަހައްދު ގިރުމުން ސަލާމަތްކޮށް ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ވެލިދޫ ފަޅުން އަލަށް ހިއްކާފައިވާ 2.7 ހެކްޓަރުގެ ބިމަކީ އެ ރަށުގެ އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. މި ބިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި، ހާއްސަކޮށް ފައިބަރު މަސައްކަތް ކުރުމަށެވެ. ފައިބަރު މަސައްކަތަކީ ރާއްޖޭގެ މަދު ރަށްތަކެއްގައި ވިޔަފާރީގެ އުސޫލުން ކުރަމުން އަންނަ، ނަފާ ބޮޑު މަސައްކަތެކެވެ.
މި މަޝްރޫއު ނިމުމުން ވެލިދޫގެ މަސްވެރިކަމާއި އުފެއްދުންތެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް އޮޑިދޯނިފަހަރު މަރާމާތުކުރުމާއި ބަނުމުގެ މަސައްކަތަށް ބޭނުންވާ ޖާގަ ލިބި، ރަށުގެ އިގްތިސާދީ ދުވެލި ހަލުވިވެގެންދާނެއެވެ.
ވެލިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި ބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ.

