ކައުންސިލް އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ސަރުކާރުން ނިންމީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައެއް ކުޑަކުރުމުގެ މަގްސަދުގައި ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުޝާމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން އެއީ އެންމެން ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އެގޮތުން ސަރުކާރުން ގާނޫނުއަސާސީއަށް ތިން މައިގަނޑު އިސްލާހެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން މަޖިލިސް މެންބަރުންގެ އަދަދު އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމެވެ.
ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގެންނަ އިސްލާހަކީ، އެއަށް އަމަލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީން ސީދާ ލާޒިމްކުރާ ކަމެކެވެ. ނަމަވެސް ދެން ހުރި އިސްލާހުތަކަކީ އެފަދަ ވޯޓެއް ކޮންމެހެން ބޭނުންވާ ކަންކަމެއް ނޫނެވެ.
“މުޅި ރާއްޖޭގައި އެފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ މަދުވެގެން 80 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،“ ބަންޑާރަނައިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބަށް މުޅި ރާއްޖެ ތައްޔާރުވަމުންދާ ވަގުތެއްގައި މި ވޯޓު ނެގުމުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.
ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ދެން ހުރި އިސްލާހުތައްވެސް މާ ލަސްތަކެއް ނުވެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އެކަމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ވޯޓަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު އެއްކޮށްލައި، އިދާރީ އަދި މާލީ ގޮތުން ދައުލަތަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

