އދ. ކުނބުރުދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ސިމެންތި ޖެހުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މީގެ ތިން މަހެއްހާ ދުވަސް ކުރިން އިމާރާތުގެ ކޮލަމްތައް ކާސްޓްކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު އިމާރާތުގެ ބޮޑުބައެއް ވަނީ ނިމުމަކާ ގާތްވެފައެވެ. މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކުނބުރުދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޘީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތާރިގް އާއި ކުނބުރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަޒުމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ފެންވަރެއްގެ ފުލުހުންގެ މަރުކަޒެއް ގާއިމުކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
މި ސިޔާސަތުގެ ދަށުން، މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނެތް ގިނަ ރަށްތަކެއްގައި މިއަހަރުގެ ތެރޭގައި އާ މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

