ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރަށްރަށުގައި ހިންގަމުންދާ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ 150 މުވައްޒަފުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ. މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހަ ރަށެއްގެ ސައިޓުތަކަށް ހުޅުވާލާފައެވެ.
އާރުޑީސީން މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައިވަނީ ހއ. އުލިގަން، އއ. ރަސްދޫ، ޅ. ނައިފަރު، ކ. ކާށިދޫ، ޅ. ހިންނަވަރު އަދި ތ. މަޑިފުށި އަށެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން jobs@rdc.com.mv އަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވަކިވަކި ރަށްތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ހޯދަނީ އުލިގަމާއި ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވެއެވެ. މީގެ އިތުރުން ކާށިދޫން 24 މުވައްޒަފުން، މަޑިފުށިން 13 މުވައްޒަފުން، ނައިފަރުން 12 މުވައްޒަފުން އަދި ހިންނަވަރުން އެއް މުވައްޒަފަކު ހޯދުމަށް ވަނީ ހުޅުވާލާފައެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ވީހާވެސް ބޮޑަކަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުން ކަމަށެވެ. “ބިދޭސީން އަޅުގަނޑުމެން ނަގަނީ ވީހާ ވެސް ބޮޑަކަށް ދިވެހިން ލިބޭތޯ ބަލާފައި. ބޭނުންވާ އަދަދަށް ދިވެހިން ނުލިބިއްޖިއްޔާ ބިދޭސީންނާ ދިމާލަށް އަޅުގަނޑުމެން ދަނީ،” ނަޒީމް ވިދާޅުވިއެވެ.
ނަޒީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާން ކުރީ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ އަދަދު ހަމަކުރުމަށެވެ. ރަށްރަށުގެ މަގުތައް ހެދުމުގެ އިތުރުން ވެސް އެކިއެކި މަޝްރޫއުތައް ނިންމަން ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި އެއްފަހަރާ ފަސް މަޝްރޫއުވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުނިން ބުނިގޮތުގައި، އެއްފަހަރާ 150 މީހުން ހޯދަން އިއުލާން ކުރި ނަމަވެސް، އެއީ ހަމައެކަނި މިވަގުތު ކުރިއަށްދާ އަދި ފަށަން ހުރި މަޝްރޫއުތަކަށް ކޮންމެހެން ބޭނުންވާ އަދަދެވެ.

