ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތަށް ނެތް ކަމަށާއި، މިހާރު ރާއްޖޭގައި ހުރި ސްޓޮކް ބޭނުންކޮށްގެން ކަންކަން މެނޭޖްކުރެވޭނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލެމުންދާތީ، ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލުގެ އިތުރު ދެ ޝިޕްމެންޓެއް އަންނަ ހަފުތާގައި ލިބޭނެ ކަމަށެވެ. އެހެންކަމުން، ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލާއި ޑީސަލަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައި ހުންނަ ތެޔޮ ކަމަށްވުމުން، ދުނިޔޭގެ ބާޒާރުގައި އަންނަ ބަދަލުތަކުގެ އަސަރު މި ބާވަތްތަކުގެ އަގަށް ބޮޑުތަނުން ކުރެއެވެ.
ތެލުގެ އިތުރުން ކައްކާ ގޭހުގެ އައު ޝިޕްމެންޓެއްވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވެފައިވާތީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން އަންނަނީ ގޭސް ވިއްކުން ލިމިޓްކުރަމުންނެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓެއްގައި މިވަގުތު ވިއްކަމުންދަނީ 5 ކިލޯގެ ގޭސް ފުޅިއެވެ. އެސްޓީއޯއިން ބުނި ގޮތުގައި މިއީ މި ހަފުތާއަށް އެކަނި އެޅި ފިޔަވަޅެކެވެ. އައު ޝިޕްމެންޓް ލިބުމާއެކު ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ތެޔޮ ވިއްކާ އަގަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މާލީ ވަޒީރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގައި ތެލުގެ އަގު ކަނޑައަޅަނީ އެތެރެކުރާ ޝިޕްމެންޓްތަކުގެ ވެއިޓެޑް އެވަރޭޖަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ބާޒާރުން ފެންނާނެއެވެ.
ސަރުކާރުން ބުނެފައިވަނީ ތެލުގެ އަގު އުފުލުނު ނަމަވެސް، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް، އަގަށް އަންނަ ބަދަލުތަކުގެ ބުރަ ރައްޔިތުންނަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ރާއްޖޭގައި މިހާރުވެސް ތެޔޮ ވިއްކަމުންދަނީ ނިސްބަތުން ހެޔޮ އަގެއްގައިކަން ސަރުކާރުން ފާހަގަކުރެއެވެ.

