މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއި މޯލްޑިފްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުގައި އާންމުކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާ މިފަދަ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ ދޮގު މައުލޫމާތުތަކެއް ކަމަށް އެމްޕީއެލް އިން ފާހަގަކޮށްފައިވެއެވެ.
އެމްޕީއެލް އިން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު، ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ. އެގޮތުން އޭ ޒޯން ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މަސްވެރިކަން ކުރާ އޮޑިދޯނިފަހަރަށް ޚާއްސަކޮށްފައިވާ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާ ކަމަށް އެމްޕީއެލް އިން ކަށަވަރުކޮށްދެއެވެ. އެ ސަރަހައްދުތަކުގެ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތް ހެދުން ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
އެމްޕީއެލްގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތު ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

