ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރު، ރާއްޖޭގެ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކުގެ އިތުރުން ދީނީ ދާއިރާގައި މަސައްކަތްކުރާ އެކި ތަންތަނަށް ބަހައިފިއެވެ. ސަޢުދީ ސަރުކާރުން ރާއްޖެއަށް މިފަހަރު ހަދިޔާކޮށްފައިވަނީ ޖުމްލަ 15 ޓަނުގެ ކަދުރެވެ.
މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅުތަކަށް މިނިސްޓަރު ޝަހީމް ވަނީ ތަޢުރީފް ކުރައްވާފައެވެ. އަދި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މިފަހަރު ހަދިޔާކުރި 15 ޓަނުގެ ކަދުރު ބަހާފައިވަނީ ދީނީ އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކަށް އަމާޒުކޮށްގެންނެވެ. މިއީ ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމުގެ ބައެއްކަން ފާހަގަކުރެވެއެވެ.

