އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އުކުޅަހަކީ ރަޖިސްޓްރީވެފައިވާ އާބާދީގައި 1100 މީހުން ތިބި ރަށެއް ނަމަވެސް، ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމާއި އެކި ސިނާއީ މަސައްކަތްތަކާ ގުޅިގެން އެރަށުގައި ދިރިއުޅޭ އާބާދީ މިހާރު 2000 އަށް އަރައެވެ. މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ތަކުލީފުތަކެއް ރައްޔިތުންނަށް ދަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން، މަގުތަކުގެ ނުބައިކަމުން ހިނގާބިނގާވެ އުޅޭ މީހުންނަށް އަނިޔާވުމާއި އުޅަނދުތަކަށް ގެއްލުންވުމުގެ މައްސަލަތައް ވެސް ވަނީ ބޮޑުވެފައެވެ.
2023 ވަނަ އަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން ރަށުގެ އެންމެ ބޮޑެތި މަގުތަކާއި، ބަނދަރު ސަރަޙައްދު އަދި މުވައްސަސާތައް ހިމެނޭހެން ޖުމްލަ 10 މަގެއްގައި 2.68 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، ޔުޓިލިޓީ ނެޓްވޯކްތަކާއި، ފެން ހިންދާ ނިޒާމު އަދި ޕޭމަންޓް ހެދުމުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން އެންމެ ފަހުން އަޅަންޖެހޭ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތެވެ.
އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދާ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް ނިމުމާއެކު، ވަރަށް އަވަހަށް މަގުތަކުގައި ތާރު ފަށަލަ އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި މަޝްރޫޢު ނިމުމުން އުކުޅަހުގެ މަގުތަކަކީ ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ މަގުތަކަކަށް ވެގެންދާނެއެވެ.

