މި އަހަރުގެ ފިތުރު އީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިނިސްޓްރީން މިހާރު ވަނީ މާލެ ސަރަހައްދުގައި ކުޑަ އީދު ނަމާދު ކުރާނެ މިސްކިތްތަކާއި މައިދާންތަކުގެ ތަފްސީލީ ލިސްޓު އާންމުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކަކީ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް އެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައެވެ.
މައިދާންތަކުގެ އިތުރުން މާލެ ސަރަހައްދުގެ ގިނަ މިސްކިތްތަކެއްގައި ވެސް އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގެ 17 މިސްކިތެއްގައި، ވިލިމާލޭގެ އެއް މިސްކިތުގައި، ހުޅުމާލެ ފޭސް 1 ގެ ފަސް މިސްކިތެއްގައި އަދި ހުޅުމާލެ ފޭސް 2 ގެ ދެ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އަހަރުގެ ފިތުރު އީދު ނަމާދުގެ ޖަމާއަތް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.

