މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ. “މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ” ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ދެ ބައިވެރިންނެވެ. އެއީ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ. މުބާރާތް ކުރިއަށްދާނީ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ބައެވެ.
ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށެވެ. އަދި މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ އިތުރުން ބައިވެރިވާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހޭނެއެވެ. އަދި ކުރިން މި މުބާރާތުން އެއްވަނަ ހޯދާފައިވާ ފަރާތަކަށް ނުވުމާއި، ފާއިތުވި 3 އަހަރުގެ ތެރޭގައި މި މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މެލޭޝިއާއަށް ފޮނުވާނީ ރާއްޖޭގައި ބާއްވާ ކޮލިފައިންގ ބުރުން ފާސްވާ ދެ ބައިވެރިން ކަމަށެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން ބައިވެރިންނަށް އޮންލައިން ސްކްރީނިންގ އޮންނަ ދުވަހާއި ގަޑި ފަހުން އަންގާނެއެވެ.
މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 4 އިން 10 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ 64 ވަނަ އެޑިޝަންގައި ރާއްޖެ ތަމްސީލުކުރި ފާތިމަތު ޝާޔާ ޒާހިރު ވަނީ ހިފްޒު ބައިން މުޅި ދުނިޔެއިން 3 ވަނަ ހޯދައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދީފައެވެ.

