މާލޭގެ ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަގުގެ ބައެއް ސަރަހައްދުތައް ބަންދުކުރާނެކަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް ތާވަލުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހު ފެށުމަށެވެ. މި މަސައްކަތް ކުރިއަށްދާއިރު، އެކި މަރުހަލާތަކަށް ބަހާލައިގެން މަގުގެ ބައެއް ބައިތައް ބަންދުކުރަމުންދާނެއެވެ.
އެގޮތުން، ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން، މަސައްކަތް ނިމި އެ ސަރަހައްދު ހުޅުވެންދެން އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. އަދި މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ފަސް ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. މި ހުރިހާ ސަރަހައްދެއްވެސް އަލުން ހުޅުވޭނީ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މަގު ފުޅާކުރުމުގެ މަސައްކަތްތައް މިއަދުން ފެށިގެން ކުރިއަށްދާތީ، އެ ސަރަހައްދުގެ އެއްގަމުތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި، ދާއިމީކޮށް އުޅަނދުތައް އަޅާފައި ނުބޭއްވުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. މި އެންގުމާ އެއްގޮތަށް އަމަލުކުރަން ޖެހޭނީ މަސައްކަތް ނިމި އާންމުކޮށް އެ ސަރަހައްދު ހުޅުވާލެވެންދެންނެވެ.
މި މަޝްރޫއަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

