ޣާޒީ ބިލްޑިންގް ކުރިން ހުރި ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިއަދު ފަށައިފިއެވެ. އަމީރު އަހުމަދު މަގުގައި، ޝަހީދު ހުސައިން އާދަމް ބިލްޑިންގާ އިންވެގެން އޮންނަ މި ބިމަކީ، އެތަނުގައި ހުރި ބާ އިމާރާތް ތަޅާލުމަށްފަހު މިހާތަނަށް ސައިކަލް ޕާކުކުރާ ޒޯނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސަރަހައްދެކެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެ ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރަހައްދު ތަރައްގީ ކުރާނީ ޖުމްހޫރީ މައިދާނާ އެއްފަދަ ހިތްގައިމު އަދި ރީތި މައިދާނެއްގެ ގޮތުގައެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް މިހާރު ވަނީ ނަގާފައެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަހައްދު ވަކިކުރުމުގެ ގޮތުން ބިން ވަށައިގެން ޓިނު ޖަހައި މިހާރު ވަނީ ބަންދުކޮށްފައެވެ.
ދައުލަތުގެ ގިނަ އޮފީސްތަކެއް ކުރިން ހިންގި ޣާޒީ ބިލްޑިންގާއި ހުރަވީ ބިލްޑިންގް ބާވެ، ރައްކާތެރިކަމުގެ ގޮތުން ކަންބޮޑުވާންޖެހޭ ހާލަތަކަށް ދިއުމާ ގުޅިގެން 2023 ވަނަ އަހަރުގެ ތެރޭގައި ވަނީ ތަޅާލާފައެވެ. މި އިމާރާތްތައް ތަޅާލުމަށްފަހު، އެ ބިންތައް މިހާރު ބޭނުންކުރަމުންދަނީ މާލެއަށް ދިމާވެފައިވާ ޕާކިންގް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސައިކަލް ޕާކިންގް ޒޯންތައް ހެދުމަށެވެ.
މި އިމާރާތްތަކުގައި ކުރިން ހިންގަމުންދިޔަ ސަރުކާރުގެ އޮފީސްތައް މިހާރު ވަނީ ވެލާނާގެ ބިލްޑިންގަށާއި ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަށް ބަދަލުކޮށްފައެވެ. މިއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

