ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިރޭ ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު، ފަސްޓް ލޭޑީ ވަނީ އެ ދާއިރާގެ ކެމްޕޭން ހަރަކާތްތައް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙްގެ އިތުރުން ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، މި ހަފްލާގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހުޅުމާލެ މެދު ދާއިރާގެ ކެންޑިޑޭޓުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރޭ ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ. އެ ޕާޓީން މިހާރު ދަނީ މުޅި ރާއްޖޭގައި، އަދި ވަކިން ޚާއްސަކޮށް މާލެ ސިޓީގައި ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތްތައް ސީދާ ބައިވެރިވެވަޑައިގެން ކުރިއަށް ގެންދަވަމުންނެވެ. އަދި ކޮންމެ ރެއަކުހެން މާލޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވުމުގެ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތްތައް މިހާރު ކުރިއަށްދަނީ ވަރަށް ފޯރިއާއި ޖޯޝާއެކުގައެވެ.

