ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވާކަން އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީން އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ އުސޫލުތަކާއި ދާއިރާތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑު ކަމަށްވާ ޓީއޯއާރްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. މިއީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މީގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށެވެ. “މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ،” އެ ވުޒާރާއިން ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. މީގެ އިތުރުން ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) އާއި ލޯކަލް ކަރަންސީ ސެޓްލްމަންޓް މެކޭނިޒަމް ހަރުދަނާކުރުމަކީ މި މަޝްވަރާތަކަށް ލިބޭނެ އިތުރު ބާރެއް ކަމަށް އެ ވުޒާރާއިން ދެކެއެވެ.
އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ. ރާއްޖެއިން މިހާރުވެސް އަންނަނީ ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ޖަނަވަރީން ފެށިގެން އަމަލުކުރަމުންނެވެ. އަދި ތުރުކީވިލާތާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގައިވެސް ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ.

