މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ކަނދުފަތި އަޅައިފި
މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ 42 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް ޚާއްސަ 48 ވަދު ކަނދުފައްޗެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ދެ ބާވަތުގެ ކަނދުފަތީގެ ތެރެއިން ދޮށީގެ ކަނދުފައްޗަކީ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްސަ ކުރެވިފައިވާ ކަނދުފަތިތަކެކެވެ. އަދި ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަމާއި، މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެކުރިން ވިދާޅުވެފައިވަނީ، އެހެން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން މިހާތަނަށް ކަނދުފަތި އަޅާފައިވާ ކަމަށެވެ. މަސްވެރިންނަށް ކަނދުފަތީގެ މުހިންމުކަން ބޮޑުވުމާއެކު، ކަނޑައިގެންދާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންނެވެ.
ކަނދުފަތިތަކަށް އޮތް ޑިމާންޑް ބޮޑު ނަމަވެސް، މިވަގުތު ރާއްޖޭގައި ކަނދުފަތި ތައްޔާރުކުރާ ހަމައެކަނި ސެންޓަރަކީ ހުޅުމާލޭގައި ހުންނަ ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް ދެ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މި އައު ސެންޓަރުތަކާއެކު ކަނދުފަތިތައް ޤާއިމްކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

